އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި އިއްޔެ މަޤާމާ ހަވާލުވެވަޑައިގަތް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ހާލަތާ ކުރިމަތިލެއްވުމަށް ޓްރަމްޕްގެ ލީޑަޝިޕަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދުނިޔޭގެ ސުލްޙައަށް މަސައްކަތްކުރުމަށާއި، އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެމެރިކާގެ އައު ސަރުކާރާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް ހުރި ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
78 އަހަރުގެ ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތް 47 ވަނަ ފަރާތެވެ. މިއީ ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. އޭނާ ފުރަތަމަ ދައުރު ފުރުއްވާފައިވަނީ 2016 އިން 2020 އަށެވެ.


