މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ދެ މެންބަރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތުން އައްޔަނުކުރުމަށް ފާސްކޮށްފައިވަނީ އާމިނަތު ސަރާހަތު އިއްޒަތު އާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އެވެ.
ދައުރުން ބޭރުގައި ބޭއްވުނު މަޖިލީހުގެ ޚާއްޞަ ޖަލްސާގައި، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައިވާ ނަންތަކަށް ވޯޓަށް އެހުމުން، ސަރާހަތު އައްޔަނުކުރުމަށް 68 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އަދި މުޙައްމަދު ޢަބްދުﷲ އައްޔަނުކުރުމަށް 58 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ.
ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި ދެވަނައަށް އޮތް ނަންކަމުގައިވާ މަޝްހޫރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އައްޔަނުކުރުމަށް 50 މެންބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.
މި ދެ މެންބަރުން އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުޢާޒްގެ ނަން، ކޮމިޓީ މަރުޙަލާގައި އެކަށީގެންވާ މާކްސް ނުލިބުމުގެ ސަބަބުން މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައެއް ނުވެއެވެ.


