Tuesday, 28 July 2026
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ޢައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވުމާއެކު ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

ފަލަސްތީނުގެ ޢައްޒާއަށް އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 15 މަސްދުވަހުގެ ހަނގުރާމައަށްފަހު ހަމަލާތައް ހުއްޓާލަން އެއްބަސްވި ޚަބަރު އަޑުއިވުމުން ހިތްހަމަޖެހޭ ކަމަށެވެ.

މި އެއްބަސްވުމަށް ވާސިލުވުމަށް އެހީތެރިވި ޤައުމުތަކުގެ މަސައްކަތް ރާއްޖެއިން ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ހަނގުރާމަ ހުއްޓާލުން ދެމެހެއްޓުމަށާއި، ހިޖުރަކޮށްފައިވާ މީހުން އަނބުރާ ޤައުމަށް އާދެވޭކަން ކަށަވަރުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކޮށްދިނުމަށް ކަމާގުޅުންހުރި ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ. މީގެއިތުރުން، ފަލަސްތީނު އަލުން އާބާދުކުރުމަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށްވެސް ރައީސް ގޮވާލައްވާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން، އިޒްރޭލުން ޢައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވަނީ އެމެރިކާ، މިސްރު އަދި ޤަޠަރު މެދުވެރިވެގެން، ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހުގައެވެ.

ޢައްޒާގެ ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ހަނގުރާމައިގައި 46,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. ނަމަވެސް، މީގެ ކުރިންވެސް މިފަދަ އެއްބަސްވުންތަކަށް އިޒްރޭލުން އެއްބަސްވެ، އޭގެފަހުން އެ އެއްބަސްވުންތަކާ ޚިލާފުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *