ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު، އެކަން ހުއްޓުވަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރުއެވެ. ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާއަކީ ށ. ބިލެތްފަހި، ޗަނބޭލީގޭ އިބްރާހީމް ޒާލިފް (37 އަހަރު) އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި، ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށް، ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުނެވެ. މިކަމާ ގުޅިގެން ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު، ދެ މީހަކު އެތަނުގައި ތިބިކަން ފާހަގަކުރެވުނެވެ.
އެ މުވައްޒަފު އެ މީހުން ހުއްޓުވަން މަސައްކަތްކުރުމުން، އެ މީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި މާރާމާރީ ހިންގިއެވެ. މި ހަމަލާގައި ސްޓެލްކޯ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ދިޔައެވެ.
މި ހާދިސާގެ ފަހުން، އިބްރާހީމް ޒާލިފް ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް، ދެވަނަ މީހާ އަދި ހައްޔަރުކުރެވިފައެއް ނުވެއެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.


