Wednesday, 29 July 2026

ރައީސް މުޢިއްޒު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސް މުޙައްމަދު މުޢިއްޒު މިރޭ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މިއީ އެސްޓޯނިއާގެ ރައީސް އަލާ ކާރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުގައިވާ މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސާއި އެ ޤައުމުގެ ޕާލަމެންޓުގެ ރައީސާއި އަދި ބައެއް ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި، ޑިޖިޓަލް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތަކާއި، އަދި ތަޢުލީމާއި ސައިންސްގެ ދާއިރާއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު އެސްޓޯނިއާގެ ޓާޓޫ ސިޓީއަށް ވެސް ޒިޔާރަތްކުރައްވާނެއެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ މި ސިޓީގެ ޔުނިވަރސިޓީއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޝާހިދު އާއި ސައިންސް، ޓެކްނޮލޮޖީ އަދި އިނޮވޭޝަން މިނިސްޓަރު ޢަލީ އިޙްސާން އާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އުތުރު ޔޫރަޕުގައި އޮންނަ އެސްޓޯނިއާއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެކެވެ. ޚާއްޞަކޮށް، ޑިޖިޓަލް ގަވަރނަންސް އާއި އީ-ސަރވިސަސްގެ ދާއިރާއިން އެ ޤައުމު ދުނިޔޭގައި ވެސް ފާހަގަކުރެވިފައިވާ ޤައުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *