ސުނާމީ ކާރިސާ އަޅުގަނޑުމެނަށް ކުރިމަތިވީ މީގެ ބާރަ އަަހަރު ކުރިން 2004 ވަނަ އަހަރުގެ 26 ވަނަދުވަހުއެވެ. ނަމަވެސް އެހާދިސާ ތަޖުރިބާ ކުރި މީހުންގެ ހިތުން އެ ބިރުވެރިކަން އަދިވެސް ފިލާނުދެއެވެ. އެބިރުވެރި ހާދިސާ ތަޖުރިބާ ކުރި މީހުން އެހާދިސާގެ ވާހަކަ ކިޔަދޭއިރު ފެންކަޅިވެ ކަރުނަހިލެއެވެ.
ސުނާމީ ކާރިސާ އަކީ އަޅުގަނޑުމެންގެ އެންމެންގެ ލޮލުން ކަރުނަ ހިލުވާލި ބިރުވެރި ހިތާމަވެރި ހާދިސާއެކެވެ. އެތަކެއް ދިވެހިންނެއް މިދުނިޔެ ދޫކޮށް އެތައް އަނިޔާތަކެއް ލިބި އެތައް ދިވެހިންގެ ގެދޮރާއި މުދާ ގެއްލިގެންދިޔަ ދުވަހެވެ. ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ގެންލުންބޮޑު ކާރިސާއެކެވެ.
ސުނާމީ ކާރިސާ އަޅުގަނޑުމެންނާ ކުރިމަތިވިއިރު ސުނާމީ އަކީ ކޯޗެއް ކަމެއްވެސް ދިވެހިންނަކަށް ނޭނގެއެވެ. އެކާރިސާ އަޅުގަނޑުމެންނާ ކުރިމަތިވީ އެފަދަ ކާރިސާއެއް ކުރިމަތިވާނެކަމަށް ހީވެސް ނުކޮށް ތިއްބައެވެ. "ސުނާމީ" މި ނަން ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް އެނގުނީ އެކާރިސާއަށް ފަހުގައެވެ.
ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއ 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެންނެވެ.
މި ބިންހެލުމަކީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި ބިންހެލުންތަކުގެ ތެރެއިން ރެކޯރޑްކުރެވިފައިވާ ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުންވެސް މެއެވެ. އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ޤުދުރަތީ ކާރިސާވެސް މެއެވެ. މި ބިންހެލުމުން އުފެދުނު ސުނާމީގައި (ރާޅުގައި) 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑް ކުރެވިފައި ވެއެވެ.
ސުނާމީ އަރާއިގެން އައީ އެންމެނަށްވެސް ކުއްލި ސިހުމެއް ގެނުވާފައެވެ. ގެދޮރުދޫކޮށް ގިނަބަޔަކު މަސައްކަތަށް ނިކުމެ އުޅެނިކޮށް ރަށުގެ އެއްކޮޅުން އަރައިގެން އަނެއް ކޮޅުން ފައިބައިގެން ދިޔަ ލޮނުގަނޑުގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. ވީނުވިއެއް ނޭގި އެތައްބަޔަކު ގެއްލުނެވެ. އެދުވަހުގެ ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެއްލުން ބޮޑު ކާރިސާއެވެ. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި ދެން ހުރި ހުރިހާ ރަށަކަށް ސުނާމީގައި އަސަރުކުރިކަމަށް ރެކޯޑް ކުރެވިފައިވާ މައުލޫމާތުން އެގެއެވެ. 20 އަތޮޅަކުން، ގެއްލުނު މީހުނާއިއެކު 180 މީހުންް މަރުވެފައިވާ ކަމަށް ބެލެވެއެވެ. އޭގެތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް ތިބި 2 ފަތުރު ވެރިންވެސް ހިމެނެއެވެ.
12،000 މީހުންގެ ގެދޮރު ގެއްލުނު މި ހާދިސާގައި ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށި މީހުންނަށް ދިރި ނޫޅެވޭ ވަރަށް ހަލާކުވެ ދިޔައެވެ. ކަނދޮޅުދޫ މީހުން ދިރިއުޅެން ހަމަޖެއްސީ އެއަތޮޅު ދުވާފަރުގައެވެ. ވިލުފުށީ މީހުން ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައްޔާއި މާލޭގައި އުޅުމަށްފަހު އަލުން އެރަށަށް ބަދަލުވީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައި އެރަށް ބޮޑު ކުރިފަހުންނެވެ.
ސުނާމީ ކާރިސާގައި މަރުވި މީހުންގެ ނިސްބަތްވާ ރަށްރަށް
- ތ. ވިލުފުށި 18 މީހުން
- މ. ކޮޅުފުށި 16 މީހުން
- ދ. ގެމެންދޫ 08 މީހުން
- ލ. މުންޑޫ 07 މީހުން
- މ. މަޑުއްވަރީން 06 މީހުން
- ލ. އިސްދޫކަލައިދޫ 06 މީހުން
- މ. މުލި 06 މީހުން
- ލ. ފޮނަދޫ 04 މީހުން
- ކ. ގުރައިދޫ 04 މީހުން
- ރ. ކަނދޮޅުދޫ 03 މީހުން
- ލ. ކަޅައިދޫ 03 މީހުން
- ލ. މާބައިދޫ 03 މީހުން
- ދ. ރިނބުދޫ 02 މީހުން
- ލ. ދަނބިދޫ 02 މީހުން
- މ. މަޑިފުށި 02 މީހުން
- ގދ. ވާދޫ 02 މީހުން
- ވެލާވަރު ރިސޯޓް 02 މީހުން
- ހދ. ނާވައިދޫ 01
- ށ. ކޮމަންޑޫ 01
- ކ. ގުޅި 01
- އދ. ވައިޓް ސޭންޑް 01
- ވ. ތިނަދޫ 01
- މ. ދިއްގަރު 01
- މ. ނާލާފުށި 01
- މ. މުލަށް 01
- ހަކުރާ ކުލަބް 01
- ދ. ވާނީ 01
- ތ. މަޑިފުށި 01
- ގއ. ދާންދޫ 01
- ގއ. ވިލިގިލި 01
- ފުވައްމުލައް 01
ސުނާމީ ކާރިސާގައި 14 ޤައުމަކުން 230000 އާއި 280000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯރޑް ކުރެވިފައިވެއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާ އިންނެވެ. އެޤައުމުން އެކަނިވެސް ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދު 167799 އަރައެވެ. ފަސްލައްކަ މީހުންގެ ގެދޮރު ގެއްލުނެވެ.
ސުނާމީ ކާރިސާގައި ދެވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ އަވަށްޓެރި ސްރީލަންކާއިންނެވެ. އެޤަމުން 35322 މީހުން މިކާރިސާގައި މަރުވިއެވެ. 21411 މީހުން ޒަޚަމްވިއެވެ. އަދި ފަސްލައްކައަށްވުރެ ގިނަމީހުންގެ ގެދޮރު ގެއްލުނެވެ.
އަވަށްޓެރި އިންޑިއާއިން ސުނާމީ ކާރިސާގައި ގެއްލުނު މީހުންނާއެކު މަރުވި މީހުންގެ ޢަދަދަކީ 18045 އެވެ. ހަލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލުނެވެ.
ސުނާމީގައި ހަތަރުވަނައަށް އެންމެ ގިނަބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ ތައިލެންޑުންނެވެ. އެ ޤައުމުން ގެއްލުނު މީހުންނާއެކު މަރުވިމީހުންގެ ޢަދަދަކީ 8212 އެވެ. ހަތް ހާހެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.
ސުނާމީ ކާރިސާގައި މީހުންމަރުވެ ގެދޮރުގެއްލިގެން ދިޔަ އިތުރު ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، މަޑަގަސްކަރަ، ސޯމާލިއާ، ކެންޔާ،ޓެންޒޭނިއާ އަދި ސައުތުއެފްރިކާ ހިމެނެއެވެ.
ސުނާމީއަކީ މިހާތަނަށް ރާއްޖެއަށްވެސް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.
ސުނާމީ އަކީ އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔަ ކާރިސާއެކެވެ. ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ 10 އަހަރު ފަހަތަށް ސޮއްސާލި ގެއްލުންބޮޑު ކާރިސާއެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިންތިހާ ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކާރިސާއެކެވެ. ސުނާމީ ކާރިސާގެ ގެއްލުން ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކުރިއެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. 12000 މީހުންގެ ގެދޮރު ގެއްލި 8500 މީހުން ވަގުތީ ހިޔާތަކުގައި އުޅެންޖެހުނެވެ. ރާއްޖޭގެ އެތައްރަށަކުން ކަރަންޓްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ.
ސުނާމީ ކާރިސާގައި މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން އެއްބަޔަކަށް އަނެއް ބައެއްގެ ޙާލަތު އެނގޭނެ ގޮތެއް ނެތި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ހާލުގައި ޖެހުނު މީހުން ޖެހިގެން އޮތް ރަށަށް އެހީތެރިކަން ހޯދަން ދިޔައިރު އެރަށުގެ ހާލުވެސް ހަމަހުރީ އެއް ހާލަތެއްގައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން ހާލުގައި ޖެހުނު މީހުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
ސުނާމީގައި ރާއްޖޭގެ ދެރަށެއް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށްޓެވެ. ވިލުފުށީގައި އަލުން ގެދޮރު ޢިމާރާތްކޮށް މީހުން ދިރިއުޅެން ވަނީ ފަށައިފައެވެ. އެރަށުގައި އަލުން މީހުން އާބާދުކޮށްފައިވަނީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ.
ސުނާމީގައި ހާލުގައި ޖެހުނު މީހުނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކުވައި ދީފައެވެ. ހާލުގައި ޖެހުނު ރަށްރަށުގެ މީހުން ކައިރި ރަށްރަށަށް ގެންގޮސް އެމީހުންގެ މެހެމާންދާރީގެ ދަށުގައި އަމިއްލަ އާއިލާގެ މީހުންގެ ގޮތުގައި އެތައް ދުވަހެއް ވާންދެން ގެންގުޅުނެވެ. ތަނަވަސް ކަމުގެ އަހުލުވެރިންނާއި ތަނަވަސް ކަމެއް ނެތް މީހާވެސް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަހަތަކަށް ނުޖެހެއެވެ.
ދެހާސްހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ޑިސެމްބަރ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މި ފަހުގެ ތާރީޚުގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދީފައި ވަނީ ސުނާމީ ކާރިސާ އަށް ފަހު ވޭތުކުރި ދުވަސްކޮޅުގެ ތެރޭގައެވެ. އެދުވަސް ތަކަކީ ދިވެހިން ހަޤީޤީ ދިވެހިންގެ ގޮތުގައި ފެނިގެން ދިޔަ ދުވަސްތަކެކެވެ.


