ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ޚަބަރު މުއާޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން އިސްތިއުފާ ދީފިން. pic.twitter.com/TmadBgkvqw
— Muaz Mohamed Rasheed (@muazmr) December 23, 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި މުއާޒު ވިދާޅުވެފައިވަނީ، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ގިނަގުނަ ގޮންޖެހުންތަކާއެކުވެސް، ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް، މުއާޒު ފާހަގަކުރައްވާފައިވަނީ ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުގެ ސަބަބުން ކުންފުނި އަމިއްލަ އާމްދަނީން ހިންގުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. މުއާޒު ވިދާޅުވެފައިވާ ގޮތުގައި، ފެނަކައިގެ މާލީ ހާލަތު ދަށްވެފައިވަނީ ގިނަ ރަށްރަށުގެ ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސް ނުކުރެވި، ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނަގަން ޖެހުމާއި، ކުންފުނި ރައިޓްސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ.
މުއާޒު އިތުރަށް ފާހަގަކުރައްވާފައިވަނީ ފާއިތުވި އޮކްޓޯބަރު އަދި ނޮވެންބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރުވެސް ޖަމާކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާތީ، އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން މަޤާމުން އިސްތިއުފާ ދެއްވާ ކަމަށް މުއާޒު ވިދާޅުވެފައިވެއެވެ.
ފެނަކައިގެ އެމްޑީގެ މަޤާމަށް މުއާޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މުއާޒުގެ އިސްތިއުފާއާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ ހިންގުމަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކުރެވިފައެއް ނުވެއެވެ.ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މުހިންމު ސަރުކާރު ކުންފުންޏެކެވެ. މުއާޒު ފާހަގަކުރެއްވި ފަދައިން، މި ކުންފުނި ދިމާވެފައިވާ މާލީ ގޮންޖެހުންތަކަކީ ރާއްޖޭގެ އަސާސީ ޚިދުމަތްތަކަށް ސީދާ އަސަރުކުރާނެ ކަމެކެވެ.
ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ކުންފުންޏަށް މުހިންމު ކަމެއް ނޫނެވެ. މިއީ ރާއްޖޭގެ ގިނަ ރަށްތަކުގެ އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކަމަކަށްވާތީ، މުޅި ޤައުމަށް ވެސް ނުހަނު މުހިންމު މައްސަލައެކެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އިސް އަމާޒަކަށް ވާންޖެހޭނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.
ރާއްޖެ24 އިން މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ކަމާބެހޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.


