Tuesday, 28 July 2026
ފޮޓޯ: އަވަސް އޮންލައިން

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. މޫސުމާ ބެހޭ އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މުއްދަތުގައި މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް ވެހުނު އެންމެ ގިނަ މިންވަރުގެ ވާރޭއެވެ.

މާލެއަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 117.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ބ. އަތޮޅު ދަރަވަންދޫއަށް 111.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. އަތޮޅާއި އއ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މާލޭގައި ފެން ބޮޑުވުމާ ގުޅިގެން، ގޭބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ހޮނިހިރު ދުވަހު ހެނދުނު ހަރަކާތްތެރިވެފައެވެ. މި މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޫސުމާ ބެހޭ އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް އިންޒާރު ދީފައެވެ. އެހެންކަމުން، ރައްޔިތުންނަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *