Wednesday, 29 July 2026

ސްކޫލު ދަރިވަރުން ގްރޫމްކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރު ދޫކޮށްލައިފި

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކު، ފިރިހެން ދަރިވަރުންނާއެކު އެކުދިންގެ އުމުރާ ނުގުޅޭ ވާހަކަތައް ދައްކައި، ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 29 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށާފައިވަނީ އޮކްޓޯބަރު 17 ގައެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރު ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 27 ގައެވެ. އޭނާ ފުރަތަމަ 20 ދުވަހަށް ބަންދުކުރުމަށްފަހު، ދެވަނަ ފަހަރަށް 30 ދުވަހަށް ބަންދުކޮށްފައިވެއެވެ.

މިހާރު އޭނާ ބަންދުން ދޫކޮށްލާފައިވީ ނަމަވެސް، މައްސަލަ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ދަޢުވާ އުފުލުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާނެ ގޮތަކަށް މިހާރު ވަނީ މަޑުކުރަންޖެހިފައެވެ.

މި ބާވަތުގެ މައްސަލަތަކަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމަކަށްވާތީ، މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ ސަމާލުކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *