ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހިރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވެއްޖެއެވެ. މި ބަދަލާ އެކު، މިއަދު މެންދަމުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބުއިން މަނާވާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 13 ވަނަ ދުވަހު މި އިސްލާހު ތަސްދީގު ކުރެއްވިއެވެ. މީގެ އިތުރުން، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލާލެވުނެވެ.
މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅިފައިވެއެވެ. މިގޮތުން، ވޭޕް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10,000 ރުފިޔާ ދައްކަންޖެހޭނެއެވެ. ވޭޕް ވިއްކާ ފަރާތްތަކަށް 20,000 ރުފިޔާގެ ޖޫރިމަނާއަކާއި، ވިއްކާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މި ގާނޫނުގެ ދަށުން، ހިލޭ މީހަކަށް ވޭޕެއް ދިނުމުން 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގާނޫނުގެ ސަބަބުން ރާއްޖޭގައި ވޭޕްގެ ބޭނުން މަދުވެ، ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.


