Tuesday, 28 July 2026
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ފައްޔާޒު ޓެރަރިޒަމަށް ހިތްވަރު ދިން މައްސަލަ ސީރިއަސްކޮށް ބަލަން ޖެހޭ: އަބްދުއްރަހީމް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ޓެރަރިޒަމަށް ހިތްވަރުދޭ ވާހަކަ ދައްކާފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއި، މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް ކަމަށެވެ.

"ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއްކަމަށް ބަލައިގެންނުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި މައްސަލަ ފެށުނީ ކުޅުދުއްފުށި ސިޓީގައި ބޭއްވުނު އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ މެންބަރަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އެ މެންބަރު ވިދާޅުވެފައިވަނީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. މިއީ ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީއަށް ހަވާލާދީ ދެއްކި ވާހަކައެކެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ވާހަކައާ ގުޅޭގޮތުން ސުވާލު ކުރުމުން، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެ މެންބަރުގެ ދިފާއުގައި ވާހަކަދައްކަވާފައިވެއެވެ. މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސީދާ ރައީސްގެ ނަން ނުގެންނެވިޔަސް ފައްޔާޒު ވާހަކަ ދެއްކެވީ ރައީސް "ހަވަރަށް" ދޭ މޭރުމަކުން ކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ސަރުކާރުގެ ވަޒީރުންވެސް ދަނީ އެކަން ކުށްވެރިކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް މިފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ވާހަކަތައް ދިފާއުކުރުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *