Tuesday, 28 July 2026

ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ތޮއްޑޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭނަން: ރައީސް

ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ތޮއްޑޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއަކީ އެރަށުގެ ރައްޔިތުން، ރަށުގައި ޤާއިމުވެ ތިބެގެން ވަރަށް މުރާލިކަމާއެކީގައި މަސައްކަތް ކުރަމުންދާ، ފުޅާކުރަމުންދާ ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައި ވިދާޅުވެ، އެ މަނިކުފާނު ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެފަދަ ކުންފުންޏެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި އޭރު ސަރުކާރުގެ ފަރާތުން ދިމާވި ގޮންޖެހުންތައް ހިއްސާކުރައްވައި، އެފަދަ ކުންފުނިތަކުގެ ކުރިއެރުމަށް މި ސަރުކާރުން ހުރަސްނާޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން ރަށުގެ ރައްޔިތުުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ހަމަޖައްސައިދިނުންކަމުގައި ވިޔަސް، ނުވަތަ އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމުގައި ވިޔަސް، އެ ކުންފުންޏަށް ކަންކަން މަގުފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ތޮއްޑު އަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަަމުން އަންނަ ރަށަކަށްވާތީ އެ ރަށަށް ޑޮލަރު އޭޓީއެމެއްގެ މުހިއްމުކަން ބޮޑުވާ ކަމަށާއި، އެހެންވެ އަންނަ އަހަރުގެ ތެރޭގައި އެކަން ކޮށް ދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *