Tuesday, 28 July 2026

ރާއްޖެފަދަ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތަކަށް އެހީދިނުމަށް އައިސީޖޭގައި ގޮވާލައިފި

ރާއްޖެފަދަ މޫސުމާ ބަދަލުތަކުގެ ނުރައްކާ ބޮޑު ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ ގައުމުތަކުން އެހީތެރިކަން ފޯރުކޮށް ދޭން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖެއިން ގޮވާލައި ފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި އދ. އާންމު މަޖިލިހުން ހުށަހަޅާފައިވާ މައްސަލައިގައި، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފައިވާ ކަމަށެވެ.

މި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އައިސީޖޭގައި ބަޔާން ދެއްވަމުން އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލެއްވި ކަަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފުސީލުކުރައްވާފައިވާ ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނުނުތަކުގެ ދަށުން ދިވެހިރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއުޅުއްވާލައްވައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލުކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިޔަތެއްކަން ފާހަގަކުރައްވައިފައިވެއެވެ" އޭޖީ އޮފީހުން ބުންޏެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ގާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައިސީޖޭގެ ސްޓެޓިއުޓްގެ 65 މާއްދާ އާ އެއްގޮތްވާ ގޮތުގެ މަތިން އެ ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އދ. ގެ 77 ވަނަ އާންމު މަޖިލިހުގެ 276/77 ވަނަ ގަރާރުގެ ދަށުން ހުށަހެޅުނު މައްސަލައެއް ކަަމަށް އޭޖީ އޮފީހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *