ކެންސަރުގެ ފަރުވާއަށް އެންސްޕާއިން މީހަކަށް ދިން އެހީގެ ތަފްސީލީ މައުލޫމާތު ހާމަކުރެވިފައިވާތީ އެންސްޕާއިން މާފަށް އެދިއްޖެ އެވެ.
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ކުރީ ސަރުކާރުގައި އެންސްޕާއިން ދިން ފައިސާގެ އަދަދަށް ވުރެ މަދުން މިހާރު ފައިސާދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން އިއްޔެ އެ އޭޖެންސީން ވަނީ އެ މީހާއަށް ފޯރުކޮށްދީފައިވާ އެހީގެ ތަފުސީލުތަކެއް ހާމަކޮށްފައެވެ.
އެންސްޕާއިން އެ މީހާގެ ވާހަކަތައް ދޮގުކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް 9 ފަހަރު އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އެއިން އެއްވެސް ފަހަރަކު އޭނާއަށް 1000 ޑޮލަރު އެހީގެ ގޮތުގައި ދީފައި ނެތް ކަމަށެވެ.
އެކަމާއި ގުޅިގެން ރޭ އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަޔާނުގައި އެ ބަލި މީހާއަކީ ކާކުކަން ބުނެފައި ނުވި ނަމަވެސް އެ މީހާއަށް އެންސްޕާއިން ދީފައިވާ އެހީގެ މައުލޫމާތު ހިމަނައިފައިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މި އެޖެންސީން މައާފަށް އެދެމެވެ." އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އެ މީހާގެ ނަމެއް ހާމަކޮށްފައި ނުވި ނަމަވެސް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވާތީ ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.


