ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ކުންފުނީގެ ތެލުން ވައްކަންކޮށް އެ ވައްކަމުން ހޯދާ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ޝައްކުވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެފަދަ މައްސަލަތައް ލަސްނުކޮށް ވީހާވެސް އަވަހަކަށް ފުރިހަމައަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.


