ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ އެޗް.އީ. ޝްރީ މުނު މަހާވަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ހައި ކޮމިޝަނަރ މަހާވަރު ވަނީ އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަން އާއި ލޯކް ސަބާގެ ސްޕީކަރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ރަސްމީ ދަތުރެއް ކުރުމަށް ދެއްވާފައިވާ ދަޢުވަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޕާލިމެންޓަރީ ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ކުރާ ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ބެލެވެއެވެ. މި ދަތުރުގެ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.


