ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި އެވެ.
އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒަންޝިޕް އެޑްވައިޒަރީ ފާމް، ހެންލީ އެންޑް ޕާޓްނާސްއިންދޭ ގްލޯބަލް ސިޓިޒަން އެވޯޑުގެ ހަފުލާ ބޭއްވީ، ސިންގަޕޫރުގައި އިއްޔެ ފެށި ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިވެންޓުގައެވެ.
މިއީ އެކި ދާއިރާތަކުން ބައިނަލްއަގުވާމީ މައްސަލަތައް ހައްލު ކުރުމަށް ވަކާލާތުކޮށް، މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އެ ގޮތުން ހެންލީ އެންޑް ޕާޓްނާސްއިންވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކޮށްފައެވެ.
އެ އެވޯޑް ލިބިވަޑައިގެންނެވުމާ ގުޅިގެން ނަޝީދު ވިދާޅުވީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ހަގީގީ ބަދަލެއް ގެނެވޭނީ އެންމެން ގުޅިގެން ކަމަށާއި އަދި އެއާއެކު އިންސާނިއްޔަތުކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރެއްވި ނަޝީދު މި ވަގުތު ހުންނެވީ ސިޔާސީ ކަންކަމާ ފެޔަށް ޖެހިވަޑައިގެން، ކްލައިމެޓް ވަލްނަރެބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
އެ މަނިކުފާނު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.


