ގެއަކުން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކުރަން ދިޔައިރު އެ މީހާ ހުރީ ފުލުހުންނާ ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅައިގެން ކަމަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
އޭނާ ހައްޔަރުކޮށް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތުު ހަމަވާނީ 12 ޑިސެމްބަރު 2024 ގައެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ އޭނާ ހައްޔަރުކުރި 45 ވަނަ ފަހަރެވެ. އޭގެ ތެރެއިން 27 ފަހަރު ބަންދުކޮށް މުއްދަތު ވެސް ޖަހާފައިވެއެވެ.
ކޯޓު އަމުރުގައިި ބުނެފައިވާ ގޮތުން އޭނާ ވަނީ ގެއަކަށް ދަންވަރު ވަދެ، އެގޭގައި ހުރި އަގުބޮޑު ފޯނުތަކެއް ވަގަށް ނަގާފައެވެ. އެގޮތުން ގޭތެރޭގައި އޭނާ ޙަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް ހުށަހެޅިފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރަން ދިޔައިރު އޭނާ އޮތީ އެވަގުތު އޭނާ ހުރި ގޭގެ އަލަމާރި ތެރޭގައި ބޮލަށް ކަޅު ކޮތަޅެއް ލައްވައިގެންކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެ މީހާ ވަނީ ތަހުގީގަށް ހާޒިރުކުރުމުން ހަނުހުރީ މައްސަލަ ބެއްލެވި ފުލުސް އޮފިސަރު "އަވަސް ކޮށްލާށޭ.. ހަނު ބަޔާނެއް ދޭށޭ،" ބުނުމުން ކަމަށް ބުނެފައެވެ. އެހެންވެ، ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ދިފާއަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


