އިޒްރޭލް ޕާސްޕޯޓް މަނާކުރަން އަވަސް އަރުވައިލަން ނުޖެހޭ ކަމަށާއި ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރުމަކީ ގަބޫލުކުރައްވާ ކަމެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެގޮތަށް ވާހަކަ ދެއްކެވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ އިގުތިސާދީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާވާ ގައުމަކަށްވާތީ، ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކުއްލި ކުއްލިއަށް މިހެން ކަންކަން ނިންމާލުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ. "އަދި ހާއްސަ ގޮތެއްގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރޭގައި އަޅުގަނޑުމެން ހަމަ ކޮންމެހެން ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރަން އުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން."
ނާޒިމް ވިދާޅުވީ، ރަނގަޅު ގޮތަކަށް ވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން، އެ މަޝްވަރާތަކުގެ އަލީގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުން ކަމަށެވެ. އަދި އެކަން އަވަސް އަރުވާލައިގެން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އިޒްރޭލުން ހިންގާ ގަތުލްއާއްމާއި ދެކޮޅަށް ތިބި ނަމަވެސް، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ކުރިން އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނީ ކޮންކަހަލަ ގެއްލުމެއްތޯ ބަލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެހެން ކަމެއްގެ ވާހަކަ ދެކެވެންވާނީ ވެސް ފުރަތަމަ ރާއްޖޭގެ ރައްޔިތުން ސަލާމަތުން ތިބެފައި ކަމަށެވެ.
"ރާއްޖޭގައި އޮތީ ފަތުރުވެރިކަން އެކަނި،" ނާޒިމް ވިދާޅުވި އެވެ. "ފަތުރުވެރިކަމަށް އަސަރު ކުރާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ކުރާކަށް ނުވާނެ."


