އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ ދައުރު މިދިޔަ ހޮނިހިރު ދުވަހު ހަމަވި، މއ. ތަޅަމުދިގެ، ފުއާދު ތައުފީގުގެ ނަން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިކަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
ފުއާދު ތައުފީގަކީ 1978 ވަނަ އަހަރުން ފެށިގެން އިންތިޚާބުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ، އަދި 2008 ވަނަ އަހަރު އާ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެވުނު ބޭފުޅެކެވެ.
އޭނާއަކީ ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން އެންމެ މަޤްބޫލު އަދި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅާކަމަށް ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައިވާ ގޮތުން ދެ ދައުރަށްވުރެ ގިނަ ދުވަހު އެ ކޮމިޝަނުގެ މެންބަރުކަމުގައި ނުހުރެވޭނެތީ، ފުއާދު ވަނީ އެ މަޤާމުން ވަކިވެވަޑައިގަންނަވާފައެވެ. ކުރިން ފުއާދު ވަނީ ފޮރިން މިނިސްޓްރީ އަދި ސާކްގައިވެސް މަސައްކަތްކުރައްވާފައެވެ.


