Tuesday, 28 July 2026

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރިޔާސީ ޕްރައިމަރީއެއް 2028އަށް ނުބާއްވާނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެހެންވީމަ ޕްރައިމަރީއެއް ބާއްވަން ޖެހޭ ކަމެއް ނޫން ތިއީކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެ މަނިކުފާނާ އޮތް ގުޅުމަށްވުރެ ބޮޑު ގުޅުމެއް މިހާރު ދެ ބޭފުޅުންގެ ދެމެދުގައި އޮތް ކަމަށާއި ކުރިން ރައީސް މުއިއްޒާއެކު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އޮތް ކަހަލަ ގާތް ގުޅުމެއް ނޫން ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ރައީސް މުއިއްޒު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅެން. އަދި ކުރިއަށްއޮތް ތަނުގައި ވެސް ނުގެންގުޅޭނަން. އެފަދަ ފުރުސަތެއް ލިބުނަސް، އެކަމުން ސަލާމަތްވާނަން. އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން މިދާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް އަދާކުރައްވާ ރައީސަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެދުމަށް. އެ މަސައްކަތުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުއިއްޒު، ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ރަސްމީ ގޮތެއްގައި އިއުލާން ކުރައްވައިފައިނުވެއެވެ. ނަމަވެސް އެ މަނިކުފާނު ވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތްތައް ކުރައްވައިފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ހިމެނޭ ގޮތަށް މި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ރައީސަށް ދެވަނަ ދައުރެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *