އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މިއަދު ނިމިއްޖެ އެވެ.
ފުއާދު މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އޭނާ އިލެކްޝަންސް ކޮމިޝަންގައި ހޭދަކުރެއްވި މުއްދަތުގައި މަސައްކަތަށް އެއްބާރުލުން ދެއްވައި އިތުބާރު ކުރެއްވި ހުރިހާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކަށާއި މުއައްސަސާތަކަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ.
ދެވަނަ ދައުރަކަށް، އީސީގެ ރައީސް ކަމަށް ފުއަދާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރެއްވި އިރުވެސް، ފުއާދަކީ އެ ކޮމިޝަންގެ މެމްބަރެކެވެ.
1978 ވަނަ އަހަރުން ފެށިގެން އެކިއެކި އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެލައްވަމުން އަންނަ ފުއާދު އީސީގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އާ ގާނޫނޫއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ކޮމިޝަނަށް 2008 ވަނަ އަހަރެވެ. ފުއާދަކީ އޭރު ރާއްޖޭގައި ހިންގަމުން ދިޔަ ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އެފަހަރު ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރެކެވެ.
ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބަލާއިރު ފުއާދަކީ ޢާއްމުންގެ މެދުގައި ވަރަށް މަޤުބޫލު ޝަޚުސިއްޔަތެކެވެ.
އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން މިއަދު ދައުރު ހަމަވުމާއެކު އީސީގައި ފުއާދުގެ ދައުރު ނިމުމަކަށް އަންނާނެއެވެ.


