Tuesday, 28 July 2026

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ލަސްވަނީ ސަރުކާރުގެ ފިނޑިކަމުން: މީކާއިލް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސްވަމުންދާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ސަރުކާރަށް ފާޑުކިޔުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ، މި ބިލު 241 ކޮމިޓީގައި ތާށިވެފައި އޮތީ މި ސަރުކާރުގެ "ފިނޑިކަމުން" ކަމަށެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، އެންމެ ސަފުހާއެއްގެ އިސްލާހެއް ކޮމިޓީ މަރުހަލާގައި ތާށިވެފައި އޮންނަތާ 163 ދުވަސްވެއްޖެ ކަމަށެވެ. އަދި މި ބިލަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކި، ސިޔާސީ ފިކުރު އެއްފަރާތްކޮށް އަވަހަށް ނިންމުމަށް އެދުނު ބިލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީކާއިލް ތުހުމަތުކުރެއްވި ގޮތުގައި، ޕީއެންސީގެ ޕީޖީ ލީޑަރު ވަނީ މެންބަރުންނަށް މި ބިލަށް ބަހުސް ނުކުރުމަށް އަންގާފައެވެ. ނަމަވެސް، މި ތުހުމަތު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ދޮގުކުރައްވާފައެވެ.

މި ބިލު ކޮމިޓީގައި ލަސްވަމުންދާތީ، އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި 241 ކޮމިޓީން ވަނީ މި މައްސަލައިގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ފަސްކުރުމަށް ނިންމާފައެވެ.

މީކާއިލް ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށް ރާއްޖެއިން ސްޓޭންޑެއް ނެގުން ކަމަށެވެ. އަދި ޓެކްސް ބިލުތައް ފާސްކުރާ އަވަސްމިނުގައި މި ބިލު ފާސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *