ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވަނީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރަޖިސްޓްރޭޝަނާއި އޮޕަރޭޓިން ލައިސެންސް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްއާ ހަވާލުކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އެ މަގާމު އޭނާއާ ރައީސް މުއިއްޒު ހަވާލު ކުރެއްވީ މާލެ ސިޓީ ގްރޫޕުގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ކުރިއެރުމާއި އާ އީޖާދުތައް ގެނައުމަށާއި ފާއިތުވި ދުވަސްތަކުގައި އަލާނުލާއި އޮތް ދާއިރާތަކަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމަށް އެދިވަޑައިގެން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި އަލަށް ތައާރަފުކުރި ހިދުމަތްތަކަކީ ދިހަ އެނދުގެ އައިސީޔޫއަކާއި ނިއޯނޭޓަލް ވެންޓިލޭޓަރުތަކާއި އިންކިއުބޭޓަރުތަކާއި ފޮޓޯތެރަޕީ ހިމެނޭ ގޮތަށް ހުޅުވި 14 އެނދުގެ އެންއައިސީޔޫގެ އިތުރުން ސެންޓްރަލް ސްޓްރެއިލް ސާވިސް ޑިޕާޓްމަންޓް އަދި ހަތަރު އޮޕަރޭޝަން ތިއޭޓަރެވެ. އެންމެ ފަހުގެ ވަސީލަތްތަކާއެކު ހުޅުވި އެ ތިއޭޓަރުތަކުގެ ތެރޭގައި ހިމެނެނީ ކަށީގެ އޮޕަރޭޝަން ތިއޭޓަރަކާއި ލޮލުގެ އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ އަދި ޖެނެރަލް އޮޕަރޭޝަން ތިއޭޓަރެކެވެ.


