Thursday, 29 October 2026

ރާއްޖެއަށް ވޭޕް އެތެރެކުރުން މިއަދުން ފެށިގެން މަނާވާނެ

ރާއްޖެއަށް ވޭޕް އެތެރެކުރުން މިއަދުން ފެށިގެން މަނާވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. ގާނޫނުގައިވާ ގޮތުން ރޭ 12 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. މިގޮތުން، މަޖިލީހުން އެ ބިލް ފާސްކޮށްފައި ވަނީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވި ނަމަވެސް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

މި ބިލާއެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާވާނެ އެވެ. އޭގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން މަނާކުރެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ބަދަލުގެނެސް، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ވަނީ މަތިކޮށްފައެވެ. އެ ފިޔަވަޅުގެ ސަބަބުން ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *