Tuesday, 28 July 2026

އިންޑިއާ ސަރުކާރުގެ އެހީގައި ސީ.ޖީ.އެސް ހުރަވީ މަރާމާތުކުރުމަށް މުމްބާއީއަށް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓް ގާޑް ޝިޕް (ސީ.ޖީ.އެސް) ހުރަވީ މަރާމާތުކުރުމަށްޓަކައި އަވަށްޓެރި އިންޑިއާ، މުމްބާއީގެ ނޭވަލް ޑޮކްޔާޑަށް ބަނދަރު ކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނިގޮތުގައި މިއީ 2023 ވަނަ އަހަރުގެ މެއި މަހު ސީ.ޖީ.އެސް ހުރަވީ އެމް.އެން.ޑީ.އެފްއާ ހަވާލުކުރި ފަހުން ކުރެވޭ ފުރަތަމަ މަރާމާތެވެ. އަދި މި މަރާމާތުގައި އާންމު މެއިންޓެނަންސްގެ އިތުރުން އުޅަނދުގެ އޮޕަރޭޝަނަލް އުމުރު އިތުރުކޮށް ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އަޕްގްރޭޑްތައް ހިމެނެކަމަށް ވެސް ބުނެފައި ވެއެވެ.

މާލެއިން މުންބާއީއަށް ދަތުރުކުރި މި އުޅަނދު އިންޑިއާ ނޭވީގެ އައި.އެން.އެސް ތަލްވާރުން ވަނީ އެސްކޯޓްކޮށްފައެވެ.

ސީ.ޖީ.އެސް ހުރަވީގެ މި މަރާމާތަށް ގާތްގަނޑަކަށް 4 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ހައިކޮމިޝަނުން ވަނީ ލަފާކޮށްފައެވެ. އަދި މި ޚަރަދު އުފުލާނީ އިންޑިއާ ސަރުކާރުން ކަމަށްވެސް ބުނެފައިވެއެވެ.

މިކަން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 6 އިން 10 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދައުލަތުގެ ޒިޔާރަތުގައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ރައްޓެހި ގުޅުމާއި ގިނަ ދާއިރާތަކުން އޮތް ދިފާޢީ އެއްބާރުލުން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ހައިކޮމިޝަނުން ސިފަކުރައްވާފައި ވެއެވެ.

ހައިކޮމިޝަނުން ވަނީ ދިވެހިރާއްޖެއަކީ އިންޑިއާގެ މުހިންމު ކަނޑުގެ އަވައްޓެރިއެއް ކަމަށާއި، އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" އަދި "ވިޝަން ސާގަރ" ސިޔާސަތުގެ ދަށުން މުހިންމު ބައިވެރިއެއް ކަމަށް ބުނެފައެވެ.

އަދި ދިވެހިރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއިން އަޒުމު ކަނޑައަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *