Wednesday, 29 July 2026

އާސަންދަ ނިޒާމާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

އާސަންދަ ނިޒާމާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވާފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.

މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، 2011 ވަނަ އަހަރުން ފެށިގެން އާސަންދަ ސްކީމް ހިންގަމުން އައީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން ކަމަށާއި، ނަމަވެސް ބައެއް ސިއްޙީ މަރުކަޒުތަކުން އާސަންދައިގެ ޚިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުން އަމިއްލައަށް ބޭސްފަރުވާގެ ޚަރަދު ކުރަންޖެހޭތީ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއްގައި ބަޔާންކުރާ ކަންކަން ވާންވާނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަކަށް ކަމަށާއި، އަދި އެއީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ވޯޓަށް އެހުމަށް ނެތް ކަމަށް އެ މަނިކުފާނު ނިންމެވިއެވެ.

ސަރުކާރުން ދާދިފަހުން ވަނީ، ބައެއް ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އާސަންދައިގެ ނާޖާއިޒު ފައިދާ ނަގާކަން ފާހަގަކޮށް، އާސަންދަ ސްކީމް އިޞްލާޙުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *