ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ އަހަރަކު 1000 ސިފައިން ރެކްރޫޓުކުރުމަށްޓަކައި ގައުމީ ފެންވަރުގައި ހާއްސަ ޕްރޮގްރާމެއް އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ސިފައިންގެ އިތުރުން ފުލުހުންގެ ހިދުމަތަށްވެސް އަހަރަކު 250 ފުލުހުން ރެކްރޫޓް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ޖުމްލަ ފަސް ހާހެއްހާ ޒުވާނުން، މި ދެންނެވި ގޮތަށް ވަޒީފާ ހޯދުމުގެ ފުރުސަތު ނުލިބިފައި، ތައުލީމް އެކަށީގެންވާ ވަރަކަށް ނުލިބި މަގުމައްޗަށް ގިނަވާ ކުދިންނަށް މި ފުރުސަތު ހޯދައިދެވި، ރަނގަޅު ބަޔަކަށް ހެދިއްޖެއްޔާ އެ ލިބެނީ ވަޒީފާގެ ފުރުސަތު ވެސް ދެވިގެންދަނީ، މި ދެންނެވި ފަދައިން ސިފައިންގެ މަސައްކަތަށް ވެސް ގިނަ ބަޔަކު ލިބިގެންދޭ،" ރައީސް ވިދާޅުވި އެވެ.
މިއާއެކު ކުރިއަށް އޮތް ހަތަރު އަހަރު ހިދުމަތަށް 4000 ސިފައިން އަދި 1000 ފުލުހުން ނެރެވިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އަންނަ އަހަރު ސިފައިންގެ ހިދުމަތަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރުވެސް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"..ރާއްޖޭގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލްކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ."
އެ މަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވެގެން ތަމްރީނު ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށެވެ.
ނަސްރުގެ ދުވަހުގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވީ 8 ސިފައިންގެ މީހުންނާއި، 11 އާންމުންގެ މީހުންނާއެކު ޖުމުލަ 19 މީހުން ޝަހީދުވި މި ހާދިސާ އިން އިބްރަތް ލިބިގަންނަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޝަހީދުވި އާއިލާތަކަށާއި 3 ނޮވެމްބަރުގައި ބްރޭވަރީ މެޑަލް ލިބުނު ފަރާތްތަކަށް ގެެޒެޓު ކުރެވޭ އުސޫލެއްގެ މަތިން ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ މި ދަައުރު ނިމުމުގެ ކުރިން ޝަހީދުވި އާއިލާތަކަށް ހާއްސަ ކޮށްގެން 50 ހައުސިން ޔުނިޓު އަޅުއްވާ ހަވާލުކުރައްވާނެ ކަމަށެވެ.


