ސަރުކާރުން އަޅަމުންދާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުގެ ދަށުން 248 ސިޔާސީ މުވައްޒަފަކު މިހާތަނަށް ވަކިކޮށްފައިވާ ކަމަށް، ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި ކަމަށެވެ.
އެއީ، ރައީސް އިއުލާނުކުރެއްވި އަދަދަށްވުރެ 20 މުވައްޒަފުން އިތުރު އަދަދެކެވެ.
ހީނާ ވިދާޅުވީ، މުވައްޒަފުން ވަކިކުރުމާ އެކު، ދެން ތިބި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމުކުރަން ވެސް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް ރީފޯމް އެޖެންޑާގެ ދަށުން، ސިދާ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކި ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ މަހުުގެ 15 ވަނަ ދުވަހުއެވެ. އެ ފިޔަވަޅު 15 ދުވަހުގެ ތެރޭގައި އަޅަން އެންގެވި ކަމަށް ރައީސް ވިދާޅުވި އިރު އެ މުއްދަތު ހަމަވީ އިއްޔެއެވެ.
އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ މާލިއްޔާއިން 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ.


