އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން މިއަދު ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެސްއޯއީ ކޮމިޓީގެ މި ސަބްކޮމިޓީގައި ތިއްބަވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މާލީ ހަލާތާ ގުޅޭ ފުރިހަމަ މައުލޫމާތު އަދި މީޑިއާއަށް ތިލަކޮށްދީ އެކަން ބޮޑު ސަކަރާތަކަށް ހަދަން އަދި ބޭނުންނުވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އެ ކޮމިޓީ ސިއްރު ކުރެއްވުމަށެވެ.
ކޮމިޓީގެ މުގައްރިރު އަޝްރަގު ވިދާޅުވީ، ބައްދަލުވުން ސިއްރުކުރަން ނިންމެވީ މިއަދު ކުރިއަށް ދަނީ ސަބްކޮމިޓީގެ ބައްދަލުވުމަކަށް ވެފައި، މައި ކޮމިޓީ އަށް އެކަމާ ގުޅޭ ރިޕޯޓު ހުށަހަޅާނެތީ ކަމަށެވެ.
އައިލެންޑް އޭވިއޭޝަން ކޮމިޓީގެ މެންބަރުން މިއަދު މަޖިލީހުގެ އެ ކޮމިޓީއަށް ހާޒިރުކުރީ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން އެ ކުންފުނީގެ ކްރެޑިޓް ޕޮލިސީ އިމްޕްލިމެންޓްކުރާ ގޮތާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.


