Tuesday, 28 July 2026
Raajje24

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބަޖެޓަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެކެވެ. މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށެވެ.

ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓް ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. އަދި މި އަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. ސަޕްލިމެންޓްރީ ބަޖެޓުގައި ބޭރުގެ ލޯނު އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. ޑޮމެސްޓިކް މާކެޓުން ހޯދަން ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހުށަހެޅި 5.1 ބިލިއަންގައި ހިމެނެނީ:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

ސަބްސިޑީގެ ހަރަދުތައް އިތުރުވީ، ކުރިން ބަޖެޓުގައި ކަނޑައަޅާފައިވާ ރިފޯމާ އެއްގޮތަށް ހަރަދުތައް ކުޑަކޮށްފައި ނުވާތީ އެވެ. ކުރިން ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓާއެކު އެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ސަޕްލިމެންޓް ބަޖެޓުގައިވާ ގޮތުން މި އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *