Tuesday, 28 July 2026

ނައިބު ރައީސް ސަމޯއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ޗޮގަމްގެ މައިގަނޑު ބައްދަލުވުންތަކާއި އެހެނިހެން މުހިންމު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއާ ގުޅުންހުރި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި މުހިންމު ހަރަކާތްތަކުގެ ތެރޭގައި ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް، ބިލްޑިންގ ކޮންސެންސަސް ފޯ ކްލައިމެޓް ޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު، ކޮމަންވެލްތު ބިޒްނަސް ފޯރަމް އައިލެންޑް ލީޑަރސް ރައުންޑްޓޭބަލް އަދި އެސްއެމްއީ ސީއީއޯ-ލީޑަރސް އިވެންޓް ހިމެނެއެވެ. މީގެ އިތުރުން، ނައިބު ރައީސް ވަނީ ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާއާ ބައްދަލުކުރައްވާފައެވެ.

މި އަހަރުގެ ޗޮގަމް ބޭއްވުނީ ސަމޯއާގެ ވެރިރަށް އަޕިއާގައި މި މަހުގެ 21 އިން 26 އަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވުނު ފުރަތަމަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވުމާއި މުހިންމު ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ އިސްވެރިންނަށް ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށާއި، ވިޔަފާރީގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުޞަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *