Tuesday, 28 July 2026

ކ. ގުރައިދޫގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ކ. ގުރައިދޫގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުންދިޔަ 30 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގުނު މި އޮޕަރޭޝަންގައި ގުރައިދޫގެ 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވެއެވެ. އިމިގްރޭޝަންގެ 20 އޮފިސަރުންނާއި 9 ފުލުހުން ބައިވެރިވި މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، 5 ދިވެހި ވަޒީފާދޭ ފަރާތްތަކަށް ލިޔުމުން ނަސޭހަތްދީފައިވެއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ފެނުނު ގަވާއިދާ ޚިލާފު ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ނައިޖީރިއާގެ ރައްޔިތުން ހިމެނެއެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ މިއީ މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތަކާ ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުނު މަސައްކަތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމް ފެށުނު ފަހުން މިހާތަނަށް ޖުމްލަ 861 މައްސަލަ ރިޕޯޓުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *