ގެދޮރު ހަދަން ދޭ ލުއި ލޯން ޕްރޮގްރާމް، "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ހުޅުވާލާ ޕްރޮގްރާމްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ހައުސިން މިނިސްޓްރީގަިއ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އެ ސްކީމުގެ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު މިއަދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ހަފްތާއެއްގެ ތެރޭގައި އެ ފައިނޭންސް ސްކީމް ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލަން ކަމަށެވެ.
ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު ހަދަން ބޭނުންވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ސްކީމެކެވެ. ފަސް ޕެސެންޓުގެ އިންޓްރެސްޓް ރޭޓުގައި ދޭ އެ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ.
އެ ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މީގެކުރިން ވަނީ އިތުރު ދެ ޕާޓުނަރުންނާއެކު ސޮއިކޮށްފަ އެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު ވަނީ ސޮއިކޮށްފަ އެވެ.


