ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙަކީ ހާލަތާ ނުބައްދަލު ބާރެއްގެ ބޭނުންކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް ހުށަހެޅުނު މި ބިލަށް ބަހުސްކުރަމުން ޣަފޫރު ވިދާޅުވީ، މިއީ ވަރަށް ފުންކޮށް ވިސްނައި ގޮތްތަކެއް ނިންމަންޖެހޭ އިޞްލާޙެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދުންފަތުން ގެއްލުން ލިބޭކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއް ނަމަވެސް، މިހާ ބޮޑަށް ދުންފަތާއި ސިގިރޭޓުގެ ޑިއުޓީ ބޮޑުކުރާއިރު އެކަން ރައްޔިތުންނަށް ތަޙައްމަލްކުރެވޭނެތޯ ވިސްނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މިއުޅެނީ ހާލަތާ ނުބައްދަލު ބާރެއްގެ ބޭނުންކުރަން،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގައި ސިގިރޭޓު އެންމެ އަގުބޮޑު ތިންވަނަ ޤައުމެވެ. އަދި ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 40 ޕަސެންޓަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ތަޙައްމަލް ނުކުރެވޭނެ އަގެއް ޖެހުމުން ދެން ވެގެންދާނެ ގޮތް ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ދީދީއެވެ. އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވި ގޮތުގައި މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ ޓެކްސްގެ މިންވަރު އިތުރުކުރުމެވެ.
މި ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރިއަށްދާއިރު، ގިނަ މެންބަރުން މި ބިލާމެދު ތަފާތު ޚިޔާލުތައް ފާޅުކުރައްވާފައިވެއެވެ.


