މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުން ރިމާންޑް ސެންޓަރެއްގައި ބަންދުކުރަން ނެޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެންޑީއޭ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ނާހިދު އިތުރަށް ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބަންދު ކުރަނީ, މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ އިތުރުން މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުން އަދި މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.
އެގޮތުން، މި ހަރަކާތުގެ ދަށުން ނުވައެއް އޮކްޓޯބަރުން ފެށިގެން 14 މީހުން ބަންދުކޮށްފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ، ބަންދުކުރި މީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުން ނުވީއްލި، ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިފަދަ މީހުންނަށް ފަރުވާދޭ ރިމާންޑް ސެންޓަރު ގާއިމްކޮށްފައި ވަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ.


