ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތްތައް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މިގޮތަށް ނިންމެވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވީ، ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫޕީއައި) ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމު ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެ ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.
މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، އިކޮނޮމިކް މިނިސްޓްރީ އިސްކޮށް އޮންނަ ގޮތަށް ފިނޭންސް އާއި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭ ޓީމެއް އެކުލަވައިލުމަށް ވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.


