މިހާރު ބަޖެޓުގައި ތާށިކަމެއް ދިމާވެފައިވަނީ ނިމިދިޔަ ސަރުކާރުން ޕްރޮޖެކްޓުތަކަށް ކުދި އަދަދުތައް ޖެހުމަށްފަހު، ބޮޑެތި އަދަދުތަކުން ޚަރަދުކޮށްފައި ހުރުމުގެ ސަބަބުންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ބަޖެޓުން ބޭރުން ޤާނޫނާ ޚިލާފަށް ޚަރަދުތައް ކޮށްފައިވާކަމާ މެދު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް މިނިސްޓަރު ޒަމީރު ޖަވާބު ދެއްވިއެވެ.
ޒަމީރު ވިދާޅުވީ، ޑްރޯން ގަތުމާއި ރަސްމާލެ ޕްރޮޖެކްޓު ފެށުން ފަދަ މަސައްކަތްތައް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު ފައްޓަވާފައި ހުންނާނީ ޤާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތައް ބެއްލެވުމަށްފަހު ކަމަށެވެ. އެހެންކަމުން އެއީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަކަށް ނުދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ތަފްސީލުތައް ނެތް ނަމަވެސް، އެ މަސައްކަތްތައް ކޮށްފައިވާނީ ޤާނޫނީ ލަފާ ހޯދުމަށްފަހު، ޤާނޫނީ އިމުގެ ތެރެއިން އެކަމަށް ޖާގަ އޮތުމުން ކަމަށެވެ. އަދި އެއްވެސް ޙާލަތެއްގައި އެ މަސައްކަތްތައް ޤާނޫނާ ޚިލާފަށް ކުރެވިފައި ނުވާނެކަން ޔަޤީންވެވަޑައިގަންނަވާ ކަމަށެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މިނިސްޓަރު މަޢުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ އަހަރު ތެރޭގައި އެއްލައްކަ ރުފިޔާގެ ޚަރަދުވާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކަށް 50 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކާ ގުޅިގެން ކޭޝްފްލޯގެ ދަތިތައް ހުރި ކަމަށާއި، މިހާ ބޮޑު ޑެފިސިޓެއް އުފެދޭގޮތަށް ބަޖެޓު އެކުލަވާލާފައިވާއިރު، އެކަންކަން ފައިނޭންސް ކުރެވޭނެ ނިޒާމެއްވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ނަމަވެސް، ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން ކުރިއަށްދަނީ ރަނގަޅު މަގަކުން ކަމަށްވުމާއެކު، މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ މައްސަލައަކީ ސަރުކާރަށް ޙައްލުކުރެވޭނެ ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބައެއް އިޞްލާޙުތައް ގެނައުމަށްފަހު ބަޖެޓު ފައިނޭންސްކުރުމުގެ ވިސްނުން ހުރި ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.


