Tuesday, 28 July 2026

މޯލްޑިވްސް ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަނީ

މޯލްޑިވްސް ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިނގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހުގައެވެ.

ޛޫޝާން ވިދާޅުވި ގޮތުގައި މި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށާއި، މިފަދަ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީނުވާން ބޭނުންވާ ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެންދާ ކަމަށެވެ. އަދި އައު ކޯސްތައް ފެށުމަށް ބޭނުންވާ މަޢުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް މަގުފަހިވެގެންދާ ކަމަށް ޛޫޝާން ވިދާޅުވިއެވެ.

މި ދަތުރުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދަތުރުގައި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެމްޕަސްއަށް ޒިޔާރަތްކޮށް، އެކި ދާއިރާތަކުގެ ކޯސްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

ޛޫޝާން ވިދާޅުވި ގޮތުގައި ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސްދާނެކަމުގެ ބިރު އޮތް، ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާ ބައްދަލުކޮށް، އެ ދާއިރާއިން ކޯސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށާއި، އަމާޒަކީ އަންނަ އަހަރު މި ކޯސްތައް ފެށ ފެށޭވަރު ކުރުން ކަމަށް ޛޫޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ. ވިލިނގިލި ކެމްޕަހުގައި، ދިވެހި ބޭސްވެރިކަމާ ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޛޫޝާން ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *