ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުމުގެ ކުރިން ދަރަންޏެއް އޮތްތޯ ބަލަން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއް ގައި ބުނެފައިވަނީ އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޕާޓީން އަދާކުރަން ޖެހޭ ދަރަންޏެއް އޮތްނަމަ ޕާޓީގެ އޮފީސް، މއ. މާރާދައާގެ ދެވަނަ ފަންގިފިލާއަށް ހުށައަޅާ އެކަން ނިންމުމަށް އެދޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެމްއާރުއެމް އުވައިލަން މިިދިޔަ އަހަރުގެ މެއި މަހުވެސް އީސީން ނިންމި އެވެ. އެނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެޕާޓީން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.
އެ ދައުވާ ކާމިޔާބުވެ އީސީގެ ނިންމުން ގޯސްކަމަށް ކޯޓުން ކަނޑައެޅި އެވެ. އަދި ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000ރ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމް ކުރި އެވެ.
އެ ނިންމުމަށް 6 މަސްވީ އިރު ވެސް މެމްބަރުން ހަމަ ނުވާތީ އެމްއާރުއެމް އުވައިލަން ނިންމިކަން އީސީން އިއުލާންުކުރީ މިދިޔަ އޮގަސްޓުމަހުގެ 25 ވަނަ ދުވަހު އެވެ.
އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީއެކެެވެ. އެމްއާރުއެމްގެ ރައީސަކީ އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނެެވެ.


