ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށްޓަކައި ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ދެގުނައަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ރައީސް ނިންމެވި ކަންކަމުގެ ތެރޭގަިއ ހިމެނެނީ:
- ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް އިތުރުކުރުން.
- އެޑްވަލޮރަމް ރޭޓް 50% އިތުރުކުރުން.
މި ބަދަލުތައް އަންނަ މަހުން ފެށިގެން ތަންފީޒުކުރުމަށް، ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް އެހީތެރިވުމަށް ޤައުމީ ކެމްޕޭނެއް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިއްޔެ، ރައީސް ވަނީ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި 15 ނޮވެމްބަރުން ފެށިގެން ރާއްޖެއަށް އެތެރުކުރުން މަނާކުރައްވާފައެވެ. އަދި 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުންވެސް މަނާކުރައްވާފައިވެއެވެ.


