ކުޅުދުއްފުށި، 12 އޮކްޓޯބަރ 2024 – ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ރޭވިފައިވާ ސިލްސިލާ ކޮންފަރެންސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވޭ ކޮންފަރެންސް ކަމުގައިވާއިރު، މިފަހަރު ބޮޑުތިލަދުންމަތީގައި ބޭއްވުމަށް ނިންމާފައިވެއެވެ.
މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޕާޓީގެ އެހެނިހެން އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވައައެވެ. މީގެ އިތުރުން، ހއ، ހދ އަދި ށ. އަތޮޅުގެ އެމްޑީޕީގެ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާއެކު ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާކުރުމާއި، އެކަމާ ގުޅޭގޮތުން ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާއެކު މަޝްވަރާކުރުމެވެ. އެމްޑީޕީން ބުނާ ގޮތުގައި، މި ކޮންފަރެންސްގައި އިޤްރާރުވާ ކަންކަން ހާމަކޮށް، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރަށް ގޮވާލާނެއެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ މި ދަތުރަކީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ދަތުރެކެވެ. މި ކޮންފަރެންސްގެ ސަބަބުން ލާމަރުކަޒީ ނިޒާމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވި، ކައުންސިލްތަކުގެ ބާރުތައް ހިމާޔަތްކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.


