އޮކްޓޯބަރު މަހުގެ 6 އިން 10 އަށް އިންޑިއާއަށް ކުރެއްވި ތާރީހީ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގެންފިއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި މި ތާރީޚީ ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.
މީގެއިތުރުން "އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި އެކުލަވާލި ކަރުދާހަކީ މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ނިންމުމެވެ. ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މި ކަރުދާސް އެހީތެރިވެދޭނޭކަމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފައެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން، ރައީސް ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޘަޤާފީ ހަރަކާތްތައްވެސް ހިމެނިފައިވިއެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ވަނީ، އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވާފައެވެ.
މީގެ އިތުރުން، ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ވަނީ، އެކަމަނާ ތަޢުލީމު ޙާޞިލުކުރެއްވި، ބެންގަލޫރުގެ، ސެއިންޓް ޖޯސެފް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ނިއުދިއްލީގައި ހުންނަ، ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިންޑިއާއަށް ވެސް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.
އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރަސް ވަނީ، އަންނަ އަހަރު ދިވެހިރާއްޖެއަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.


