އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތް ބާއްވަވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރޭ ނިއުދިއްލީގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެތައްއަހަރަކަށް ދެމިގެންގޮސްފައިވާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރު ކުރެއްވިއެވެ. އަދި ދެޤައުމުން އެއްބަސްވާ އަދި ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.
މި ޖާފަތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ދެ ޤައުމުގެ މަތީފެންވަރުގެ ވަފުދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


