Tuesday, 28 July 2026

އިންޑިއާއަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް، ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރާނަން: ރައީސް

އިންޑިއާއަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް އަދި ރަހުމަތްތެރިއެއް ކަމަށާއި އެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތެއްގައި އެގައުމަށް މިއަދު ވަޑައިގެން "ޓައިމްސް އޮފް އިންޑިއާ". އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރެއްވުމުގެ ކުރިން ޗައިނާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެކި ދާއިރާތަކުން އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކުރަމުން އަންނަ އިރު، އެ ގައުމުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫނާރާނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެކި ދާއިރާތަކުން އެހެން ގައުމުތަކާ އެކު އަޅުގަނޑުމެންގެ ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރަމުންދާއިރު، ރާއްޖޭން ކުރާ ކަމެއްގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެ ކަން ރާއްޖޭން ޔަގީން ކުރާނެ،" މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުުފުޅާ ގުޅުވައިގެން ދެއްވި އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް އަދި ރަހުމަތްތެރިއެއް ކަމަށާއި އެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު ރާއްޖޭން ބަދަހި ގުޅުމެއް ބާއްވަމުން ގެންދާނެ ކަމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެއީ ދިވެހިން ބޭނުންވި ގޮތް ކަމަށެވެ. އަދި މި ފަހުން ދެ ގައުމުގެ ދެމެދުގައި ހިންގަމުން އަންނަ ކަންތައްތަކަށް ބަލާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *