ބްރޯޑްކާސްޓް ކޮޓަރީގެ މަސައްކަތް ކުރިއަށްދާތީ ރައްޔިތުންގެ މަޖިލިސް ފެށުން ފަސްކޮށްފި އެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް ޓަކައި ވީޑިއޯ ރޫމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ޖަލްސާތައް ފެށުން އަންނަ ހޯމަ ދުވަހަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީވެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމުގައި ދަތިތަކެއް ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 14 އޮކްޓޯބަރު ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަން." އެ މެސެޖުގައި ބުނެފައިވެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ. އެ ދެ ޖަލްސާ ބާއްވާފައިވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށެވެ. ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމާ ގުޅިގެންނެވެ.


