އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްުޔެ ކުރި އިއުލާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު އެ އިއުލާން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކުރީ އިއްޔެ ހަވީރެވެ.
އެހެންނަމަވެސް މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށެވެ.
"އިގްތިސާދު އޮތް ގޮތުން މިވަގުތު މި ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މި އިއުލާން ބާތިލުކުރަން ވަނީ އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ މުންނާރުގެ ތިރީގައި ހަދާފައިވާ ފެންގަނޑެކެވެ. މިނިސްޓްރީން އިއުލާންކުރީ އެތަން މަރާމާތު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރިން މާލޭގެ ޖަލު ހުރި ތަން ތަޅާލުމަށް ފަހު އިސްލާމީ މަރުކަޒު ބިނާކޮށް ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އެތަނަކީ އޭރު މާލޭގައި ހުރި އެންމެ ރީތި ބިނާ ވެސްމެ އެވެ.


