ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ކުރި ހަ ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އެ މީހުން އަތުލައިގެންފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ މަހާއި އޮގަސްޓް މަހު ހިންގި އޮޕަރޭޝަނުންނެވެ.
މި އިންސްޕެކްޝަނުގައި ފަސް އަންހެނުންނާއި ފިރިހެނަކު އަތުލައިގަނެވިފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހުންކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭގެ ތެރެއިން ތިން ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިން ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، އުމުރުން 39 އަހަރުގެ އަންހެނަކާއި، 36 އަހަރުގެ އަންހެނަކާއި، 37 އަހަރުގެ އަންހެނަކާއި، 28 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ އަންހެނެއްގެ އިތުރުން، 31 އަހަރުގެ ފިރިހެނެކެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ރާއްޖެއިން ފޮނުވާލަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ބައެއް ބިދޭސީން ވަނީ ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.


