Tuesday, 28 July 2026
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް

ސަރުކާރުން ގެނައި ބަދަލުތަކުން ބައެއް ކަންކަމަށް ހައްލު ލިބުނަސް، ޑޮލަރު މައްސަލަ ހައްލެއް ނުވާނެ: ފައްޔާޒު

ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގެނައި ބަދަލުތަކަކީ ރަނގަޅު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަންކަމަށް ހައްލު ލިބުނު ނަމަވެސް ބަދަލު ގެނަޔަސް ޑޮލަރު މައްސަލަ ހައްލެއް ނުވާނެ ކަމަށާއި އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށް ކުރީގެ އޮކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން, ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭއިން އިއްޔެ އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ.

ފައްޔާޒު ވިދާޅުވީ 2022 ވަނަ އަހަރުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޓޫރިޒަމްގެ އާމްދަނީގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ނިންމާ ފާސްކުރި ކަަމަށެވެ. އެހެންނަމަވެސް އެކަން އެމްއެމްއޭއިން ތަންފީޒުނުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހެދުމުގެ ބަދަލުގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަދަން ފައްޔާޒް ގޮވާލެއްވި އެވެ.

ފައްޔާޒު ވިދާޅުވީ އެތަނަކަށް ދާ ފަތުރުވެރިންގެ އަދަދަށް ބަލާ އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން ޖަހޭ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *