އިޒްރޭލުން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި އެ ކަންކަމަށް އެގައުމު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ތަގުރީރުގައި ފަލަސްތީނުގެ މައްސަލާގައި ބައިނަލް އަގުވާމީ މުޖުތަމައާއި، ދައުލަތްތައް ހިމެނޭ ޖަމިއްޔާތަކާއި، ބާރުގަދަ ގައުމުތައް ފެއިލްވެފައިވާތީ ސީދާ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އެގޮތުން ތަގުރީރުގައި ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އިންސާނީ ޚިދުމަތްދޭ ތަންތަން ސުންނާފަތިކުރަމުންދާ ކަމަށާއި އަދި ތަކުރާރުކޮށް، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން މަރަމުންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކިތަންމެ ކުޑަ އަދި ނިކަމެތި ގައުމަކަށް ވީ ނަމަވެސް، ބާރުގަދަ ރަހުމަތްތެރި އެކުވެރި ގައުމުތައް އެކުގައި ނެތް ގައުމަކަށް ވިޔަސް، އެ ގައުމެއްގެ ދައުލަތަށް ލިބެން ޖެހޭ ހައްގަކަށް އަދި އެ ދައުލަތުގައި ދިރިއުޅޭ އާންމުންގެ ހައްގަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިޒްރޭލުން ޣައްޒާގައި ހިނގަމުންދާ ޖަރީމާއަކީ އަދުލު އިންސާފާއި ބައިނަލްއަގުވާމީ ނިޒާމަށް ފުރައްސާރަކުރުން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ 1967 ވަނަ އަހަރު ބައިނަލްއަގްވާމީ މުޖުތަމައުން ކަނޑައަޅާފައިވާ ގޮތަށް ބޯޑަރު ބަލައިގަނެ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްއިން ބޭރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ގޮތް ހެދުމަށްވެސް ގޮވާލައްވާފަ އެވެ.


